ރާއްޖެ އެތެރެކުރަން އުޅުނު 26 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އެކްސްގައި މިރޭ ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، މޯލްޑިވްސް ކަސްޓަމްސް އިން މިރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 18 ކިލޯގްރާމްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި މިތަކެތީގެ މަގުމަތީގެ އަގަކީ ގާތްގަނޑަކަށް 26 މިލިއަން ދިވެހި ރުފިޔާއެވެ.
”ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުތަކާއި އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރުދަންނަވަން.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ޤާނޫނު ދަނީ އަރާ ހަމަކުރަމުން ކަމަށެވެ.




