އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ޓެގު އަޅުވައި ދޫކޮށްލަން 121 މީހަކު އެދިފައިވާއިރު، ފުލުހުންގެ އެސެސްމަންޓަށްފަހު އޭގެ ތެރެއިން 20 މީހުން ދޫކޮށްނުލަން ނިންމައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ތަރުޖަމާން، އަހުމަދު ޝަފީއު އެކްސްގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މިހާތަނަށް ދޫކޮށްލަން ނިންމާފައިވަނީ ޖުމުލަ ނުވަ މީހުންނެވެ.
އަދި މިވަގުތު 92 މީހެއްގެ އެސެސްމަންޓް ނުނިމި އޮތްކަމަށް ވެސް ޝަފީއު ފާހަގަކުރިއެވެ.
މި ނިޒާމަކީ ސަރުކާރުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުވަތަ ’ވާނުވާ‘ ބަންދުގެ މައްސަލައަށް ހައްލެއް ގެނައުމަށް ތަޢާރަފުކުރި ނިޒާމެކެވެ.
މި ނިޒާމުގެ ދަށުން ދޫކޮށްލެވޭ މީހުންގެ ތެރޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ބައެއް މީހުން ހިމެނެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ބަންދަށް ލުއިދެވޭނީ ޓެގް އެޅުވުމުން އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށެވެ.
ނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން، މަރުގެ މައްސަލަތައް، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތައް އަދި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނަށް މި ނިޒާމުގެ ދަށުން ލުޔެއް ނުދެވޭނެއެވެ.
މި ނިޒާމުގެ ސަބަބުން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ލިބި، ބަންދުގައި ތިބޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އުންމީދުކުރެއެވެ.



