ބައިނަލްއަޤްވާމީ އޮލިމްޕިކް ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
އޮލިމްޕިކް ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ކުޅިވަރަކީ، އެއްބައިވަންތަކަމާ، ގަދަ ހިތްވަރާ، ކާމިޔާބަށް މަސައްކަތްކުރަން ދަސްކޮށްދޭ މުހިންމު ހުނަރެއް ކަމަށެވެ.
”ކުޅިވަރަށް ލޯބިކުރައްވާ އަދި ކުޅިވަރުގެ ދާއިރާގައި ޚިދުމަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އޮލިމްޕިކް ދުވަހުގެ ތަހުނިޔާ ދަންނަވަން.“ ރައީސް ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ އޮލިމްޕިކް ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 23ވަނަ ދުވަހުއެވެ.
މި ދުވަހަކީ މޮޑަން އޮލިމްޕިކް ގޭމްސް ފެށުނު ދުވަސް ކަމަށްވެފައި، މުޅި ދުނިޔޭގެ އެތްލީޓުންނާއި އާންމުން ބައިވެރިވެ، އޮލިމްޕިކް ރޫހު އާލާކުރުމަށް އެކި ހަރަކާތްތައް ހިންގާ ދުވަހެކެވެ.




