އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ހިޔަލަ ވިންގުގައި ކުރިއަށްގެންދާ މަރާމާތުގެ މަސައްކަތްތަކާ ގުޅިގެން، އެ ވިންގުން ދެމުންގެންދިޔަ މުހިންމު ބައެއް ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.
އައިޖީއެމްއެޗްއިން ހާމަކުރި ގޮތުގައި، ހިޔަލަ ވިންގުގެ ބައެއް ފަންގިފިލާތަކުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކާ ގުޅިގެން، އޮބްސްޓެޓްރިކްސް އެންޑް ގައިނީ އިމަރޖެންސީގެ ޚިދުމަތްތަކާއި ލޭބަރ ރޫމް އަދި ލޭބަރ އިންޑަކްޝަން ޔުނިޓުގެ ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާއަށް ވަނީ ބަދަލުކޮށްފައެވެ.
މީގެއިތުރުން، ވާރޑް އޭ އަދި ވާރޑް ބީގައި ހިމެނޭ ވާރޑް އަދި ކޮޓަރިތައް ދަރުމަވަންތަ ހޮސްޕިޓަލުގެ 18 އަދި 19 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާއިރު، ގައިނީ ތިއޭޓަރުގެ ޚިދުމަތްތައް 12 ވަނަ ފަންގިފިލާއަށް ވަނީ ބަދަލުކޮށްފައެވެ.
މި ބަދަލުތަކަކީ ވަގުތީ ބަދަލުތަކެއްކަން އައިޖީއެމްއެޗްއިން ވަނީ ފާހަގަކޮށްފައެވެ.
އައިޖީއެމްއެޗްގެ ހިޔަލަ ވިންގުގެ މަރާމާތުގެ މަސައްކަތްތަކާއެކު، ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.
އެގޮތުން، އައިޖީއެމްއެޗްއަށް 75 އެނދު އިތުރުކުރުމަށް އަޅަމުންދާ އައު އިމާރާތުގެ މަސައްކަތް ނިމި، ހުޅުވުމަށް ވަނީ ގާތްވެފައެވެ.
މި ބަދަލުތަކާއެކު، އައިޖީއެމްއެޗްގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެކަމަށާއި، ބަލިމީހުންނަށް ދިމާވެދާނެ އުނދަގޫތައް ކުޑަކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.



