ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 80 އިންސައްތަ ގޮނޑި ސަރުކާރުން ކާމިޔާބު ކުރާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކެމްޕެއިންގެ ދަތުރުތައް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.
އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަޢުދުތަކެއް އެ ގޮތުގައި ފުއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަބަދުވެސް އޮންނަ ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.
”ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީއާއެކު ނިމިދިޔަ ދައުރުގައި އެމްޑީޕީން ވެރިކަން ކުރީ ރައްޔިތުންނަށް އުއްމީދީ ވައުދުތަކެއް ވެގެންނަމަވެސް އެ ވައުދުތައް ފުއްދިފައިނުވޭ. އެޖެންޑާ 19 ގެ ނަމުގައި އެމްޑީޕީން ކުރި ކަންކަމުން ރާއްޖެ ވެއްޓުނީ އިގްތިސާދީ އަނދަވަޅަކަށް.“ ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވިގޮތުގައި އެމްޑީޕީގެ ލީޑަޝިޕުގައި ވައްކަން ނުކުރާ އެކަކު ވެސް ނެތެވެ.
އަދި މިދިޔަ ފަސް އަހަރުގެ ތެރޭ ދައުލަތުގެ ބަޖެޓުން އެތައް ސަތޭކަ މިލިއަން ރުފިޔާ އެމްޑީޕީގެ ވެރިން ”ކެއި“ ކަމަށް ފަލާހު ވިދާޅުވިއެވެ.



