އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރިން ނިންމެވި ނިންމެވުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިހާރު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވަރަށް ބޮޑު ވާދަވެރިކަމެއް އޮތް އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައީސް މުހައްމަދު ނަޝީދު، ފައްޔާޒް އިސްމާއީލްގެ އިތުރުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އަދި މެންބަރު ޑރ. އަހްމަދު ޝަމްހީދު ވެސް ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވެއެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެންމެ ފުރަތަމަ އިއުލާނުކުރެއްވި ފަރާތަކީ ފައްޔާޒް އިސްމާއީލެވެ.
އޭގެ ފަހުން ރައީސް ނަޝީދު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައެވެ. އަދި ރައީސް ނަޝީދު ޕާޓީއާ ގުޅިވަޑައިގަތުމުގެ އެއް ދުވަސް ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ރަސްމީކޮށް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައެވެ.
”ﷲ އިރާދަކުރެއްވިއްޔާ، ދުނިޔޭގައި ހުރިއްޔާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރާނަން.“ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީ މިހާރުވެސް އޮތީ ބަދަހިކޮށް ގަދަކޮށް ކަމަށާއި، ޕްރައިމަރީ ކިތަންމެ ވާދަވެރި ކަމުގައިވިޔަސް، ޕްރައިމަރީއަށްފަހު ޕާޓީގެ މެންބަރުން ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކާއެކު ދެމިތިބޭނެ ކަމަށެވެ.



