ހުމާލޭގައި މިރޭ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ފުލުހެއްގެ ގައިގައި ޖެއްސި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިރޭ 20:20 ހާއިރު، ހުޅުމާލޭ، ޖަވާހިރުމާ ހިނގުމުގައި ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓް ޖަހައިގެން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުން މަޑުކުރަން ބުނުމުން މަޑު ނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖައްސާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެ ސައިކަލު ދުއްވި، މާލެ، މ. ބަހާރުވިލާ، ޔޫނުސް ޚަލީލް ޢަބްދުﷲ (18 އަހަރު) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނީ ސައިކަލުން ޖެއްސުމުގެ ސަބަބުން ފުލުސް އޮފިސަރަށް އަނިޔާވެފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރި ޔޫނުސް ޚަލީލް ޢަބްދުﷲ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



