އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އެންމެ ހާއްސަ އެއް ޕްރޮގުރާމުކަމަށްވާ ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަ ބެޗުގެ ތަމްރީންގައި އޮންލައިންކޮށް ބައިވެރި ވެވޭގޮތަށް ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 3 ވަނަބެޗްގެ ޓްރޭނިންގ ސެޝަންތައް ޖޫން 26، 27، 28 މި 3 ދުވަހު އިސްލާމީމަރުކަޒުގެ ހޯލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި ޓްރޭނިންގައި އަތޮޅުތެރެއިން ބައިވެރިވި ކުދިންނަށް އޮންލައިންކޮށް ބައިވެރިވެވޭގޮތަށް ހަމަޖައްސާފައިވާތީ ޓްރޭނިންގައި ދެއްވާ ފިލާވަޅުތަކާއި މަންޒަރުތަކާއި އަޑުތައް އެބައިވެރިންނަށް ފެންނާނެ ގޮތަށް އިންތިޒާމްތަ ހަމަޖެހިފައިވާނެކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނިގޮތުގައި، ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަށް ބެޗަށް ހުޅުވާލުމާއެކު 338 ފަރާތަކުން ވަނީ ފޯމު ހުށައަޅާފައެވެ. މީގެ ތެރެއިން ތަމްރީންގައި ބައިވެރިވަނީ ޝަރުތުހަމަވާ އަދި އިމްތިހާނުން ވާސްވި 257 ބައިވެރިންނެވެ.
މިހާތަނަށް ޒުވާން ޚަޠީބުންގެ ދެ ބުރެއް ނިމިފައިވާއިރު، 234 ޒުވާނުން ވަނީ މި ޕްރޮގުރާމުގެ ތެރެއިން ސަނަދު ހާސިލްކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން އަމާޒު ހިފާފައިވަނީ މިދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން އުފެއްދުމަށެވެ.
’ޒުވާން ޚަޠީބުން‘ ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ތަމްރީނުތަކެއް ދެވޭނެއެވެ. މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ވަނީ ލިބިފައެވެ.
އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މި ޚާއްޞަ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.



