ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން އެއާޕޯޓުގެ ފެސިލިޓީތައް އޮޕަރޭޓްކުރުމަށް ކަނޑައަޅާފައިވާ ވެލިޑޭޝަން ބްރިޖް ”އޮރާޓު“ގެ ހަ މަރުހަލާ ފުރިހަމަ ކުރަންޖެހޭ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން އަންނަ ޖުލައި 26 ވަނަ ދުވަހު އާ ޓާމިނަލް ހުޅުވުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އަދި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަނުގެ މިންގަނޑުތަކަށް އެމްއޭސީއެލުން އަމަލުކުރަން ޖެހޭކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު މި ތިން ފަރާތުގެ މިންގަނޑުތަކަށް އެއާޕޯޓުގެ ފެސިލިޓީތައް އޮޕަރޭޓްކުރުމުގެ ކުރިން ތަންފީޒު ކުރުމަށް ޓަކައި އެކަށައަޅާފައިވާ ވެލިޑޭޝަން ބްރިޖަކީ ”އޮރާޓް“ އެވެ.
އޮރާޓުގެ މުހިންމުކަން
އޮރާޓަކީ އެއާޕޯޓެއް ނުވަތަ އާ ޓާމިނަލެއް ހުޅުވުމުގެ ކުރިން އެތަނުގެ ހިދުމަތްތަކާއި ޕްރޮސީޖަރުތައް ތައްޔާރުކޮށް، އިކުއިޕްމަންޓާއި މެޝިނަރީސް ޓެސްޓުކޮށް، އިންސާނީ ވަސީލަތްތައް ތަމްރީނުކުރުމަށް ކަނޑައެޅިފައިވާ ނިޒާމެކެވެ.
މި ނިޒާމުގެ ދަށުން ސިވިލް އޭވިއޭޝަން އޮތޯރިޓީ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އަދި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަންގެ މިންގަނޑުތަކަށް ފެތޭގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަންޖެހެއެވެ.
އޮރާޓުގެ ފައިދާތައް
އެމްއޭސީއެލުން ފާހަގަކުރާ ގޮތުގައި އޮރާޓުގެ ސަބަބުން އާ ޓާމިނަލް ހުޅުވުމުގެ ކުރިން ދިމާވެދާނެ އޮޅުންބޮޅުންތަކާއި ހާލަތު ގޯސްވުންތަކުން ފަސިންޖަރުންނާއި މުވައްޒަފުން ސަލާމަތްކުރެވޭނެއެވެ. އަދި ރައްކާތެރިކަމާއެކު ހިދުމަތުގެ ފެންވަރު ކަށަވަރުކޮށް، ފަސިންޖަރުންނާއި ސްޓޭކްހޯލްޑަރުންގެ ހިތްހަމަޖެހުން ލިބިގެންދާނެއެވެ.
އޮރާޓުގެ މަސައްކަތްތައް ހަ މަރުހަލާއަކަށް ބަހާލެވިފައިވާއިރު، ފުރަތަމަ މަރުހަލާގައި އޮޕަރޭޝަނަށް ކަންކަން ރާވާލުމާއި ތައްޔާރުވުމުގެ މަސައްކަތްތައް ހިމެނެއެވެ.
މީގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް، އެއާލައިންސް އަދި އެހެނިހެން މަސައްކަތްތެރިންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުން ހިމެނެއެވެ.
ދެވަނަ މަރުހަލާގައި، ދެހާހެއްހާ މީހުން ބައިވެރިކޮށްގެން ޓާމިނަލްގެ އޮޕަރޭޝަނަލް މޮކަޕެއް ހެދި، ފްލައިޓުތަކާއި ފަސިންޖަރުންނާ ގުޅޭ އެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ތަމްސީލުކުރެވޭނެއެވެ. އަދި މުވައްޒަފުން ޚިދުމަތް ދިނުމުގައި ދިމާވާ އުނދަގޫތައް ދެނެގަނެ އިސްލާހުކުރެވޭނެއެވެ.
ތިންވަނަ މަރުހަލާގައި، މުވައްޒަފުންނަށް ސިސްޓަމްތަކާއި އިކުއިޕްމަންޓު ބޭނުންކުރާނެ ގޮތްތަކުގެ ތަމްރީނު ދެވި، އަލިފާނުގެ ހާދިސާތައް ފަދަ ނުރައްކާތެރި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކުގެ ޑްރިލްތައް ކުރިއަށް ގެންދެވޭނެއެވެ.
އެންމެ ފަހު މަރުހަލާގައި، ރޭވުންތެރިކަމާއެކު ފަހަރަކު އެއް އެއާލައިންގެ އިންޓަނޭޝަނަލް އޮޕަރޭޝަން އައު ޓާމިނަލަށް ބަދަލުކުރެވި، މިގޮތަށް ކުރިއަށް ގެންގޮސް ހުރިހާ ބައިނަލްއަގުވާމީ އެއާލައިންތަކުގެ އޮޕަރޭޝަން އައު ޓާމިނަލަށް ބަދަލުކުރެވޭނެއެވެ.



