މޯލްޑިވްސް ފުޑް ކާނިވަލުގައި ކުރިއަށްގެންދާ އެލްއެފްސީ ފޭން ޒޯންގައި ނެދަލެންޑްސްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ލިވަޕޫލް އެފްސީގެ ލެޖެންޑް ޑާކް ކައިޓް ބައިވެރިވެއްޖެއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.
މި ހަރަކާތުގައި ސްޕޯޓްސް ފަތުރުވެރިކަމުގެ އެންމެ މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ބައިނަލްއަގްވާމީ ފެންވަރުގައި ވަނީ ޕްރޮމޯޓުކޮށްފައެވެ.
އެމްއެމްޕީއާރުސީގެ އެލްއެފްސީ ފޭން ޒޯންގައި ކައިޓްއާއެކު ހާއްސަ މީޑިއާ މީޓެއް ބޭއްވުނު އިރު، ރާއްޖެއަށް އާދެވުނީތީ ވަރަށް އުފާވެ، ހިތްހަމަޖެހޭ ކަމުގައި ކައިޓް ވަނީ ފާހަގަކޮށްފައެވެ.
2001 ވަނަ އަހަރުގެ ލީގު ކަޕް ފައިނަލުގައި ލަނޑެއް ޖަހައި، ލިވަޕޫލް އެފްސީއަށް ތަށި ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާ ކަމަށްވާ ޑާކް ކައިޓް އަކީ ލިވަޕޫލް އެފްސީ، ފެޔެނޫޑް އަދި ފެނެރްބަހޭ ފަދަ ޝަރަފުވެރި ކްލަބްތަކަށް ފޯވާޑެއްގެ ގޮތުގައި ކުޅުނު މަޝްހޫރު ކުރީގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެކެވެ.
އޭނާ ނެދަލޭންޑްސްގެ ގައުމީ ޓީމު 100 އަށް ވުރެ ގިނަ ފަހަރު ތަމްސީލުކޮށްފައިވާއިރު، 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ނެދަލެންޑްސްއިން ހޯދި ކާމިޔާބީގައި މުހިންމު ދައުރެއް ވަނީ އަދާކޮށްފައެވެ.
އެމްއެމްޕީއާރުސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ރާއްޖޭގައި އޭނާ ކުރާ ތަފާތު ތަޖުރިބާގެ ދަށުން ކައިޓް ހުވަފެންފުށި މޯލްޑިވްސްގައި މަޑުކުރާނެއެވެ. މި ދަތުރުގައި އެ ރިސޯޓުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ކަނޑުއަޑީގެ މަޝްހޫރު ސްޕާ އާއި ހާއްސަ ކެއުންތަކުގެ އިތުރުން އެހެނިހެން ޚިދުމަތްތައް ވެސް އޭނާ ތަޖުރިބާކުރާނެއެވެ.
މިއީ ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތަކުގެ ބައިނަލްއަގުވާމީ ނުފޫޒުގެ ބޭނުން ހިފުމަށް ވިޒިޓް މޯލްޑިވްސްއިން ކުރިއަށް ގެންދާ ސްޓްރެޓެޖިކް އިނިޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
780،000 އަށް ވުރެ ގިނަ އިންސްޓަގްރާމް ފޮލޯވަރުން ތިބި ކައިޓްގެ މި ދަތުރުގެ ސަބަބުން ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރެއެވެ.



