އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން އައްޑޫ ސިޓީ މަރަދޫގައި ބޭއްވި ”ފަން ރަން“ ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މަރަދޫ ހާބަރު ސަރަހައްދުގައި ކުރިއަށްދިޔަ މި ހަރަކާތުގައި 3،000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ.
އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ހަރަކާތުގައި އުރީދޫގެ އިސްވެރިންގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އަދި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ އުފާވެރި މި ދުވުމަކީ ހުރިހާ އުމުރެއްގެ އާއިލާތަކަށާއި ރަހުމަތްތެރިންނަށް މަޖާކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ 5 ކިލޯމީޓަރުގެ ދުވުމެކެވެ. މި ދުވުމުގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލަގަދަ ހަރަކާތްތަކާއި، ފެން އަދި އެހެނިހެން މަޖާ ހަރަކާތްތައް ކުރިއަށް ގެންދެއެވެ.
މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހެއް ނޫނެވެ. އެހެންކަމުން ބައިވެރިންނަށް ހިނގައިގެން، ޖޮގްކޮށްގެން، ދުވެގެން ނުވަތަ ނަށަމުން ވެސް މި ދުވުން ނިންމުމުގެ ފުރުސަތު ލިބެއެވެ.
އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަޤުބޫލު އެއް ހަރަކާތެވެ.



