ޓްރެފިކް މޮނިޓާސް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 3628 ދަރިވަރުން ތަމްރީނު ކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.
ށ. މިލަންދޫގައި ބޭއްވި ޓްރެފިކް މޮނިޓާސް ޕްރޮގްރާމްގެ 115 ވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމްއަކީ އެއްގަމު ދަތުރުފަތުރު ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓާ ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ފެށިފައިވާ ޕްރޮގްރާމެކެވެ.
މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރެވޭނީ ހުރިހާ އެންމެންގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައި ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
ކޮމިޝަނަރު ފާހަގަކުރެއްވި ގޮތުގައި މިއީ ފުލުހުންނާ ގުޅިގެން ސްކޫލް ކުދިންނަށް ހިންގޭ އެކްސްޓްރާ ކަރިކިއުލާ އެކްޓިވިޓީއެއްގެ ގޮތުގައި ފެށުނު ޕްރޮގްރާމެކެވެ.
”އެންމެ ފުރަތަމަ ބެލެނިވެރިންނާއި ޓީޗަރުންގެ ފަރާތުން ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެކަންކަން މަޝްވަރާކޮށް ވާހަކަ ދައްކައިގެން ހައްލުކުރެވި، މިއަދު މި ޕްރޮގްރާމް ވެފައި ވަނީ ކާމިޔާބު ޕްރޮގްރާމަކަށް.“ ކޮމިޝަނަރު ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ދަށުން ތަމްރީނު ލިބޭ ދަރިވަރުން މަގުގައި ދުއްވާ މީހުންނާއި ހިނގައިބިނގާވާ މީހުންނަށް އިރުޝާދު ދިނުމާއި، ޒިބްރާ ކުރޮސިންގއިން މަގު ހުރަސްކުރާ ފަރާތްތަކަށް ތަން ދެއްކުމާއި، ސްކޫލްގެ ގޭޓު ކައިރީގައި ޕާކް ނުކުރުމަށް ނަސޭހަތްތެރިވުން ފަދަ ކަންކަން ކުރާނެ ކަމަށް ކޮމިޝަނަރު ވަނީ ފާހަގަކުރައްވާފައެވެ.
މި ޕްރޮގްރާމަކީ އިސްނަގައިގެން ރިވެތި ބަހުން މުއާމަލާތްކޮށް، ޒިންމާދާރު އަދި ބަސްއަހާ ޒުވާނުންތަކެއް ބިނާކުރުމަށް މަގުފަހިކޮށްދޭ ޕްރޮގްރާމެއް ކަމަށް ފާހަގަކުރައްވައި، ބެލެނިވެރިން މި ކުދިންނަށް ހިތްވަރު ދެއްވުމަށް ކޮމިޝަނަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.



