ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ އެގައުމަށް ވަޑައިގެންފި އެވެ.
ރައީސްގެ ދެކަނބަލުންނަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ސިންގަޕޫރު ސަރުކާރުގެ އިސްވެރިންނާއި ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މުޙައްމަދު ލުވެއިޒް އެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަތުރުފުޅު ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.
މި ދަތުރުފުޅަކީ ރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރުގައި ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު ސިންގަޕޫރު ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ވެއެވެ. މި މަޝްވަރާތަކުގައި ވިޔަފާރިއާއި، ބިނާވެށި ޕްލޭންކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، ފަންނީ ހުނަރު ބަދަލުކުރުމާއި، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާ ގުޅޭ ކަންކަން ހިމެނެއެވެ.
އަދި މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް، އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. މީގެ އިތުރުން ރައީސް ބިޒްނަސް ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމާއެކު، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާނެއެވެ.
މި އަހަރަކީ ރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ.




