ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައި ބޭއްވުނު ޚާއްޞަ ސައިފޮދެއްގައި ބައިވެރިވެވަޑައިގެންފިއެވެ.
މިއަދު ހެނދުނު ބޭއްވެވި މި ސައިފޮދަކީ ސިންގަޕޫރުގެ ފަސްޓް ލޭޑީ، މިސިސް ޖޭން އިޓޯގީ ޝަންމުގަރަނަމް އިންތިޒާމުކުރެއްވި ޚާއްޞަ ބައްދަލުވުމެކެވެ.
މި ބައްދަލުވުމަކީ ރައީސް މުޢިއްޒުއާއި ފަސްޓް ލޭޑީ މެޑަމް ސާޖިދާ، ސިންގަޕޫރަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރަސްމީގޮތުން މަރުޙަބާދެންނެވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި މެޑަމް ސާޖިދާ ވަނީ ދިވެހި ވަފުދަށް ދެއްވި ހޫނު މަރުޙަބާއަށްޓަކައި ސިންގަޕޫރުގެ ފަސްޓް ލޭޑީ މިސިސް ތަރުމަންއަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، އެ ދެ ބޭފުޅުން އަދާކުރައްވަމުން ގެންދަވާ އެކި މަސްއޫލިއްޔަތުތަކުގެ މަސައްކަތްތަކާ ބެހޭގޮތުން ތަފާތު ތަޖުރިބާތަކާއި ޚިޔާލުފުޅުތައް ހިއްސާކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.



