އއ. ތޮއްޑޫ ކައިރިއަށް މަހަށް ނިކުމެ އުޅުނު ބަޔަކަށް 15 ކިލޯގެ ”ހުދަންބަރު“ މާވަހަރެއް ފެނިއްޖެއެވެ.
މި މާވަހަރު ފެނިފައިވަނީ އިއްޔެ ހަވީރު 5:20 ހާއިރު، ޑިންގީއެއްގައި މަސްވެރިކަމަށް ނިކުމެ އުޅުނު ތިން ޒުވާނުންނަށެވެ.
މާވަހަރު ފެނުނު ޒުވާނުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި މާވަހަރު ފެނިފައިވަނީ އުކުޅަހުން ފުރައިގެން ގޮސް ފަރުކޮޅާއި ތޮއްޑޫއާ ދެމެދު ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށެވެ.
އެ ޒުވާނުން ބުނީ މާވަހަރު ފެނުނީ ކަންނެލި ބާނަން ވެގެން ދޮށި އެއްލައިގެން ތިއްބައި ކަމަށެވެ. އަދި ފެނުނު އިރު އޭތި އޮތީ ލޯންޗާ 10 ވަރަކަށް ފޫޓު ކައިރީގައި ދެފެން ދޭތެރޭގައި ކަމަށްވެސް އެމީހުން ބުންޏެވެ.
އެމީހުން ބުނި ގޮތުގައި ނެގިއިރު ވަރަށް ނުބައި ވަސް ދުވި އެވެ. އަދި އިރުކޮޅަކުން ވަސް ރަނގަޅުވެއްޖެ ކަމަށާއި މިހާރު މާވަހަރު އޮތީ ގޭގައި ލޮނު ފެނަށް ލާފައި ކަމަށް ބުންޏެވެ.
”ރަށުގެ ބައެއް މީހުން އެބަ ޓެސްޓްކުރޭ. އެންމެންހެން ބުނަނީ އެހީ ހުދަން ބަރެއް ކަމަށް.“ މީޑިއާ އާއި ވާހަކަ ދައްކަމުން އެމީހުން ބުންޏެވެ.
މީގެ ކުރިންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން މާވަހަރު ފެނިފައިވެއެވެ.



