މާލޭގެ ގެއަކުން އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރެވުނު މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި ހަބީބީހެޕް، އިސްމާއީލް ސާއިފް (39 އަހަރު) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ 11:05 ހާއިރު މާވެޔޮ މަގުންނެވެ. ފުލުހުން ބުނީ މައްސަލައިގެ ތަހުގީގުގައި ސީސީޓީވީ ފުޓޭޖު ބެލުމަށްފަހު އޭނާ ދެނެގަނެވުނު ކަމަށެވެ.
މި މައްސަލައަކީ މާލޭގެ މައްޗަންގޯޅި ގެއެއްގެ ތިޖޫރީއެއް ވަގަށް ނެގި މައްސަލައެކެވެ. ފުލުހުން ބުނި ގޮތުގައި އިސްމާއީލް ސާއިފް ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ތިޖޫރީން ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ފައިސާތަކާއި އެ ފައިސާއިން ގަތްކަމަށް ބެލެވޭ މޯބައިލް ފޯނެއް ވަނީ ފެނިފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން އިސްމާއީލް ސާއިފްއަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.




