ޖަލުތަކުގައި ތިބި ގައިދީންގެ ޢާއިލާތަކުގެ ތެރެއިން ހާލުގައި ދިރިއުޅޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮއްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ބައްދަލުކުރައްވާ ޖަލުތަކުގައި ތިބި ގައިދީންގެ އާއިލާތަކުގެ ތެރެއިން ހާލުގައި ދިރިއުޅޭ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮއްދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައިވެއެވެ.
އިސްލާމިކް މިނިސްޓްރީގައި ބޭއްވުނު މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ގެ އިތުރުން ސީނިއަރ މެނޭޖްމަންޓުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޚާއްޞަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޖަލުގައި ތިބޭ ޤައިދީންގެ ޢާއިލާތަކުގެ ތެރެއިން ހާލަތުދަށް ޢާއިލާތަކަށް ޒަކާތު ހައުސް އިން ކަރެކްޝަނަލް ސަރވިސްގެ ކޯޕަރޭޓް ސޮސައިޓީ މެދުވެރިކޮށް ވެދެވެންހުރި އެހީތެރިކަން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ގައިދީންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކަރެކްޝަނަލް ސަރވިސް އާއި ގުޅިގެން ޒަކާތު ހައުސްއިން ފޯރިކޮށްދެވިދާނެ އިތުރު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައިވެއެވެ.
ޒަކާތު ހައުސް އަކީ މިހާރުވެސް ދިރިއުޅުމުގެ ހާލަތު ދަށް އެތަށް އާއިލާތަކަށް ޟަރޫރީ ކަންކަމުގައި އެހީތެރިކަން ފޯރުކޮއްދެމުން އަންނަ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ސަރުކާރުގެ އިދާރާއެކެވެ.
މި އިދާރާގެ އެންމެ ބޮޑު މަޤުސަދަކީ ޒަކާތުގެ ހައްޤުވެރިންނަށް ފަސޭހަކަމާއި އަވަސްކަމާއެކު ޚިދުމަތްތައް ފޯރުކޮއްދިނުމެވެ.



