ރާއްޖެއިން ސްވިޒަލޭންޑަށް ކަނޑައަޅުއްވާފައިވާ އާ ނޮން-ރެސިޑެންޓް ސަފީރު، ޑރ. ސަލްމާ ރަޝީދު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު މިއަދު ސްވިސް ކޮންފެޑެރޭޝަންގެ ރައީސް، ކަރިން ކެލަ-ޒުޓާއަށް އަރުވައިފިއެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ ސްވިރަލޭންޑްގެ ވެރިރަށް ބާންގައި ހުންނަ ފެޑަރަލް ޕެލަސްގައެވެ.
ފަތްކޮޅު އެރުވުމަށްފަހު، ސަފީރު ޑރ. ސަލްމާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ނަމުގައި ސްވިސް ކޮންފެޑެރޭޝަންގެ ރައީސްއަށާއި ސްވިސް ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
މީގެއިތުރުން، އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވެސް އަރުވާފައިވެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސްވިސް ކޮންފެޑެރޭޝަންގެ ރައީސް ވިދާޅުވީ، ދިވެހިރާއްޖެއާއި ސްވިޒަލޭންޑާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެ ގައުމުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ފަތްކޮޅު އެރުވުމުގެ މި ތާރީޚީ ރަސްމިއްޔާތުގައި، ސަފީރު ޑރ. ސަލްމާގެ އަރިހުގައި އެކަމަނާގެ ފިރިކަލުން، ޖޮނަތަން ބާޓަން އާއި ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ކައުންސެލަރ، އާދަމް ހާމިދު ބައިވެރިވެވަޑައިގެންނެވިއެވެ.



