ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނާ އެކު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި އެވެ.
އެފްޑީސީން މައުލޫމާތު ދިން ގޮތުގައި، ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ސޮއިކުރުމުގެ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ އިރު، ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން 4:00 އަށް ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.
ހުޅުމާލޭގައި އެފްޑީސީން އިމާރާތްކުރަމުން އަންނަ މި ފްލެޓްތަކުގެ ދާއިމީ ލިސްޓް ކުރީގެ ސަރުކާރުން ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު ގެޒެޓްކޮށްފައެވެ. އެ ލިސްޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ 3،721 މީހުންނާއި، ދެ ކޮޓަރީގެ ފްލެޓްތަކަށް ޝަރުތު ހަމަވާ 1،218 މީހުން ހިމެނެ އެވެ.
ފްލެޓް ލިބޭނެ ކަމަށް ލިސްޓުގައި ހިމެނޭ މީހުންގެ މައުލޫމާތު ހައުސިން މިނިސްޓްރީން އަންނަނީ އެފްޑީސީއަށް އަންގަމުންނެވެ. އަދި އެކަން ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް އެ މީހަކަށް ވެސް އަންގަ އެވެ.
އޭގެ ފަހުން، ސޮއިކުރަން ދާން ޖެހޭ ތާރީހް ފަދަ އެހެން ހުރިހާ މުއާމަލާތެއް ކުރިއަށް ގެންދާނީ އެފްޑީސީންނެވެ.
ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރަމުން އަންނަނީ ލިސްޓުން އުނިކުރި މީހުންނާ އެކު ލިސްޓް ގެޒެޓްނުކޮށް ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުންފާޅުކުރެ އެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، ދާއިމީ ލިސްޓަށް ފަހު އިތުރު ލިސްޓެއް ނެރުމަކީ ދުވަހަކު ވެސް ކުރާ ކަމެއް ނޫނެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ގެންދާ މި މަޝްރޫއުގައި ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ މަހަކު 7،000 ރުފިޔާއަށެވެ. އަދި ތިން ކޮޓަރީގެ ތަންތަން ދޫކުރަނީ މަހަކު 9،500 ރުފިޔާއަށެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވި ގޮތުގައި، އަންނަ ސެޕްޓެމްބަރު މަހަށް ފްލެޓްތަކަށް ވަދެވޭވަރަށް މަސައްކަތް ނިންމަން މިހާރު ވަނީ ކަނޑައަޅާފައި ކަމަށާއި، އެކަމަށް އެކަށީގެންވާ ވަގުތު އެބައޮތް ކަމަށެވެ.
އަދި އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކުރާނީ ޑިޕޮސިޓު ފައިސާ ދެއްކުމުން ކަމަށާއި، އެ ފައިސާ ދައްކަން އެކަށީގެންވާ ވަގުތު ލިބޭނެ ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.
މި ފްލެޓުތައް ހަވާލުކުރާއިރު ފިނިޝިންގެ މަސައްކަތްތައް ނިމިފައި ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.



