އެމްޕީއެލްގެ ހުޅުމާލެ ބޮންޑެޑް ވެއަރހައުސް އޭރިއާ 1، 2، އަދި 3ގެ ލީސް ފީތަކަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.
މި ބަދަލުތައް ގެންނަން ނިންމީ 2025 15 އޯގަސްޓުން ފެށިގެންނެވެ.
މިކަމާ ގުޅިގެން އެމްޕީއެލްއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި، ހުޅުމާލެ ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތް ފޯރުކޮށްދެނީ ކަސްޓަމަރުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން 24 ގަޑިއިރުގެ ސެކިއުރިޓީއާއެކުއެވެ.
އަދި މި ސަރަހައްދުގައި މޯލްޑިވްސް ކަސްޓަމްސްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަސްޓަމްސްގެ ފެސިލިޓީއެއްވެސް ޤާއިމްކޮށްފައިވެއެވެ.
އެމްޕީއެލްއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ބޮންޑެޑް ވެއަރހައުސް ސަރަހައްދުން މުދާ ލޯޑު ކުރުމާއި އަންލޯޑް ކުރުމަށް ވަކި ކީ ވޯލެއް ކަނޑައަޅާފައިވާއިރު، އެ ސަރަހައްދުގެ މެއިންޓަނަންސްގެ މަސައްކަތްވެސް ގަވައިދުން ކުރަމުންދެއެވެ. މި ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި، ފެންވަރު ރަނގަޅު ގޮތެއްގައި ފޯރުކޮށްދިނުމަށް ކުންފުނިން ބޮޑު ހޭދައެއް ކުރަންޖެހެއެވެ.
އަދި 15 އޯގަސްޓް 2025 ވަނަ ދުވަހުން ފެށިގެން ވޭސްޓް ޑިސްޕޯސަލްގެ ޚިދުމަތްވެސް ބޮންޑް ވެއަރހައުސްގެ ކަސްޓަމަރުންނަށް އެމްޕީއެލްއިން ފޯރުކޮށްދޭން ފަށާނެއެވެ. މިހާރު މި ޚިދުމަތް ހޯދުމަށް ކަސްޓަމަރުން އަމިއްލައަށް މަސައްކަތް ކުރަންޖެހެއެވެ.
އެމްޕީއެލްއިން ވަނީ ލީސް ފީތަކަށް ގެނައި ބަދަލުތަކާއި ގުޅިގެން، އާންމު މުދަލުގެ އަގުތަކަށް ބާޒާރުގައި އަސަރުކުރާނެ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކޮށްފައެވެ.
ސަބަބަކަށްވަނީ ހުޅުމާލެ ބޮންޑެޑް ވެއަރހައުސް އޭރިޔާ 1، 2 އަދި 3ގައި ބޮންޑް ކުރަނީ ހަމައެކަނި ޓޫރިސްޓް ރިސޯޓްތަކަށް ގެންނަ ބަނގުރަލާއި އޫރު މަހުގެ ބާވަތްތައްކަމަށް ވާތީކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.
ބޮންޑެޑް ވެއަރހައުސްގެ ލީސް ފީތަކަށް ގެނައި ބަދަލުތައް ގެޒެޓްގައި ( https://bit.ly/4nZMMCC ) ޝާއިއުކޮށްފައިވާނެކަމަށް އެމްޕީއެލުން ބުންޏެވެ.



