މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، އުތުރުގެ ހުރިހާ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން ހުދު ސަމާލު ނެރުނީ މިރޭ 19:30 އިން 2:30 އަށެވެ.
މެޓުން ބުނީ މި ގަޑިތަކުގައި، މި އަތޮޅުތަކަށް، ކަނޑު ގަދަވުމާއެކު، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ކުރިން ނެރުނު ސަމާލުގައި މެޓުން ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އަދި ވައި ގަދަވުމުގެ ސަބަބުން ގިނަ ހާދިސާތަކެއް ދަނީ ކުރިމަތިވަމުންނެވެ.
މުއައްސަސާތަކުން ވަނީ އާންމުންނަށް ދިމާވެފައިވާ ތަކުލީފުތައް ކުޑަކުރުމުގެ މަސައްކަތް ފަށައިފައެވެ.



