ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ފިލްމު ”ސޮރީ“ ގެ 50 ވަނަ ވަދާއީ ޝޯ މިރޭ ދައްކާއިރު، 49 ޝޯ ދައްކާފައިވަނީ ހައުސް ފުލްކޮށް ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.
މިދިޔަ ޖޫން 17 ވަނަ ދުވަހު އެޅުވި މި ފިލްމުގެ ޝޯތައް ދައްކަމުން އަންނަތާ މިހާރު ވަނީ ދެ މަސް ދުވަސް ވެފައެވެ.
ފިލްމުގެ ޑައިރެކްޓަރު އަދި ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ އެންމެ މޮޅު، ކާމިޔާބު އެއް ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނި ގޮތުގައި ހައުސް ފުލް ނުވި އެންމެ ޝޯ އަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން ދުވާލު ދެއްކި ޝޯ އެކެވެ.
ފިލްމުގެ މައި ރޯލުތަކުގައި ފެންނަނީ ޔޫސުފް ޝަފީއު (ޔޫއްޕެ)، މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު) އަދި ވާޝިޔާ މުހައްމަދު އެވެ. މީގެ އިތުރުން ނަހުލާގެ ދަރިފުޅު ލާލީ އާއި އޭނާގެ މާމަދަރި އެވްލީ ވެސް މުހިންމު ރޯލުތަކެއްގައި ފެނިގެންދެއެވެ.
ފިލްމުގެ ޓީމުން ބުނި ގޮތުގައި އަދިވެސް ފިލްމު ބަލަން ބޭނުންވާ ފަރާތްތަކުން ގިނަ އަދަދަކަށް ރިކުއެސްޓް ލިބެމުންދާތީ، ހުޅުމާލޭގެ ޝްވެކް ސިނަމާގައި ފިލްމު ދެއްކުމުގެ ފުރުސަތު އޮތް ކަމަށް އިޝާރާތްކޮށްފައިވެއެވެ.

އޮލިމްޕަހުގައި ”ސޮރީ“ ގެ ޝޯތައް ނިމުމަކަށް އަންނައިރު، ދެން އެންމެ އަވަހަށް އޮލިމްޕަހަށް އަންނާނީ އިލްޔާސް ވަހީދު (އިއްލެ) ގެ ”ލޯބިން“ އެވެ. އެ ފިލްމުގެ ޕްރިމިއަރ ޝޯ އޮންނާނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ރޭގައެވެ.
އަދި އަންނަ މަހުގެ 31 ވަނަ ދުވަހު ހުސައިން މުނައްވަރު (ކިޑް) ގެ ”ކަނބުލޮ“ ވެސް އޮލިމްޕަހަށް ގެންނާނެ ކަމަށް ވަނީ އިޢުލާންކޮށްފައެވެ.



