މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،315،495 ފަތުރުވެރިންނެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.4 ޕަސެންޓްގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،202،579 ފަތުރުވެރިންނެވެ. އަދި މި މަހުގެ ފުރަތަމަ ތިން ދުވަހުގެ ތެރޭގައި އެކަނި ވެސް 20،627 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ޗައިނާއިން 194،159 ފަތުރުވެރިންނާއި، ރަޝިއާއިން 155،324 ފަތުރުވެރިންނާއި، އިނގިރޭސިވިލާތުން 122،530 ފަތުރުވެރިން ހިމެނެއެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރެއިން ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މި ތިން ގައުމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން މި އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.



