ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި މިނިސްޓަރުން މަޖިލީހަށް ހާޒިރުނުވާ ކަމަށްބުނެ، އިދިކޮޅު އެމްޑީޕީގެ މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވައިފިއެވެ.
އެމްޑީޕީއަށް ނިސްބަތްވާ 12 މަޖިލިސް މެންބަރުން ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވަނީ، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީކުރުވުމަކީ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ޒިންމާއެއްކަމެވެ.
އަދި ވަޒީރުންގެ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އެހެނިހެން ފަރާތްތަކުން އެބޭފުޅުންގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން މަޖިލީހުގެ މެންބަރުން ކުރައްވާ ސުވާލުތަކަށް ތެދުވެރިކަމާއެކު ޖަވާބުދާރީވާންޖެހޭނެކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.
”ރައްޔިތުންނަށް މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ވުޒާރާތަކުން ކުރާ މަސައްކަތްތަކާއި، 2025 ވަނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ކަންކަން ތަންފީޒުކުރަމުންގެންދާ މިންވަރު ބެލުމަށްޓަކައި ވަޒީރުންނާ ސުވާލުކުރުމަށް އެތައް ފަހަރެއްގެ މަތިން ހުށަހަޅާފައިވީނަމަވެސް، މަޖިލީހަށް ޖަވާބުދާރީވުމުގެ ބަދަލުގައި، އެ ޒިންމާއިން ބަރީއަވެ، އަޅުގަނޑުމެންގެ ދުސްތޫރީ ވާޖިބަށް ވަޒީރުން ގެންދަވަނީ ހުރަސް އަޅުއްވަމުން،“ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ސިޓީގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، ވަޒީރުންގެ މަޖިލީހަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރަކަށްވާތީ، މަޖިލިސް މެންބަރުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާ ވަޒީރުންނާމެދު ފިޔަވަޅު އެޅުމަކީ ރައީސަށް ލާޒިމު ކަމެއްކަމެވެ.
މި ސިޓީއާއެކު އެމްޑީޕީގެ މެންބަރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ވަޒީރުންނަށް އަންގަވައި، ގާނޫނުއަސާސީ އާއި ގާނޫނަށް ވަޒީރުން ތަބާވާކަން ކަށަވަރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.



