ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތީގައި ނޫސްވެރިންނަށް ޚާއްސަކޮށްގެން ހެދި މީޑިއާ ފެންޑާ، އުސޫލުތަކާ ޚިލާފަށް ބޭނުންކުރަމުން ދިއުމާ ގުޅިގެން އުވާލައިފިއެވެ.
މީޑިއާ ފެންޑާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން 29 މެއި 2023 ގައި ޤާއިމުކުރި ތަނެކެވެ. މި ތަނަކީ ރައީސް އޮފީހާއި އެ ސަރަހައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ހޯދުމަށް ނޫސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޤާއިމުކުރި ތަނެކެވެ.
ރައީސް އޮފީހުން ބުނީ، މީޑިއާ ފެންޑާ ބޭނުންކުރުމުގެ ހުއްދަ ނުނަގާ ބަޔަކު އެތަނަށް ވަދެ، އުސޫލުތަކާ ޚިލާފު އަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާ ކަމަށެވެ.
މީގެ އިތުރުން، އެތަނުގައި ތިބެ ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރެވޭކަމުގެ ޝަކުވާ، ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރިން ކުރަމުން އަންނަ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ގްރީންޒޯންގައި ހުންނަ މީޑިއާ ފެންޑާގައި އާންމު މަސްލަހަތު ގެއްލޭފަދަ އަދި އިޖްތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހިންގަމުން ދިއުމުގެ ސަބަބުން، އެ ސަރަހައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަންވެސް ރައީސް އޮފީހުން ބުންޏެވެ.
ވީމާ މީޑިއާ ފެންޑާ އުފެއްދި ބޭނުން އެތަން ހުޅުވީއްސުރެ މި ފާއިތުވީ 3 މަހެއްހާ ދުވަހުވެސް ހިފަމުން ނުގެންދާތީ، މީޑިއާ ފެންޑާ މިއަދުން ފެށިގެން އުވާލާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މީޑިއާ ފެންޑާ އުވާލި ނަމަވެސް، ރައީސް އޮފީހާއި އެ ސަރަހައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ކަވަރުކުރުމުގެ އިންތިޒާމު، އެކަމަށް ބޭނުންވާ ނޫސްވެރިންނަށް އެހެން ގޮތަކަށް ހަމަޖައްސައިދެވޭނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.



