އަންނަ އަހަރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ފުރުސަތު ދޭނީ ސްކްރީންކުރުމަށްފަހު ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނެފިއެވެ.
މި ބަދަލު ގެންނަން ނިންމާފައިވަނީ މުބާރާތުގެ ފެންވަރު އިތުރަށް މަތިކުރުމުގެ މަޤްޞަދުގައެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އެކަޑެމިކް ކޯޑިނޭޓަރ އަލްއުސްތާޛް ޢަލީ ވަޙީދު ޢަބްދުއްރަޙްމާން ވިދާޅުވި ގޮތުގައި، އަންނަ އަހަރުން ފެށިގެން މުބާރާތް ކުރިޔަށްދާނީ އެކި ބުރުތަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ބައިވެރިއަކަށްވެސް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ ސްކްރީންކުރުމަށްފަހުގައެވެ.
”މިހާރު ސްކޫލްތަކާއި އަތޮޅުތަކުގެ ސްކޫލްތަކުން އަންނަނީ ސްކޫލް މުބާރާތްތަކުން ސްކްރީންކުރެވިގެން އަންނަ ކުދިން. އެކަމަކު އެބަ އާދޭ ޤުރުއާން ކްލާސްތަކުން އަދި އެނޫން ގޮތްގޮތުން އަންނަ ދަރިވަރުން. އެކުދިންވެސް ދެން އަންނާނީ ސްކްރީންކުރެވިގެން،“ ޢަލީ ވަޙީދު ވިދާޅުވިއެވެ.
ވަހީދު އިތުރަށް ވިދާޅުވިގޮތުގައި، މި ބަދަލު ގެންނަން ނިންމާފައިވަނީ ބައެއް ދަރިވަރުންގެ ފަރާތުން ޤައުމީ މުބާރާތެއްގައި ފެންނަންޖެހޭ ފެންވަރު ނުފެންނާތީއެވެ. އަދި މުބާރާތުގައި ވާދަކުރެވޭ ވަރަށްވުރެ ފެންވަރު ދަށް ކުދިން ބައިވެރިވާކަން ފާހަގަކުރެވިފައިވާތީއެވެ.
މި ބަދަލާއެކު މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ވާދަވެރި އަދި އެންމެ ފެންވަރު މަތީ ކުދިންކަމަށް މަރުކަޒުން ބުންޏެވެ.
މި އަހަރުގެ ޤުރުއާން ކިޔެވުމުގެ 37 ވަނަ މުބާރާތުގައި 1023 ކުދިން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ އިތުރުން ޙާފިޒުންގެ ބައިން ވެސް ބައިވެރިވެފައިވެއެވެ.
މުބާރާތުގެ ނަތީޖާ އިއުލާނުކުރުން އޮންނާނީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ.



