ފާއިތުވި 10 އަހަރު ދެކުނު އޭޝިއާގެ އެންމެ ފާހަގަކޮށްލެވޭ އިސްލާމިކް ބޭންކުގެ އެވޯޑް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ލިބިއްޖެއެވެ.
2011 ވަނަ އަހަރުގެ މާޗު މަހުގެ ހަތް ވަނަ ދުވަހު 150 މިލިއަން ރުފިޔާގެ ރައުސުމާލާއެކު ރާއްޖޭގެ ފުރަތަމަ އިސްލާމިކް ބޭންކުގެ ގޮތުގައި ހިދުމަތް ފެށި އެމްއައިބީގެ އެސެޓް ވެލިއު މިހާރު ވަނީ 10 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މާލެއިން ފެށި ހިދުމަތް މިހާރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށްފައެވެ.
އެމްއައިބީގެ ގިނަ ހިދުމަތްތައް ޑިޖިޓަލްކޮށްފައިވާއިރު، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ބްރާންޗަކަށް ނުގޮސް އޮންލައިންކޮށް އެކައުންޓު ހުޅުވޭނެއެވެ. އެންމެ ޒަމާނީ މޮބައިލް ބޭންކިން އަދި އިންޓަނެޓް ބޭންކިން ޕްލެޓްފޯމުގެ އިތުރުން އިސްލާމީ އުސޫލުން ފައިނޭންސިންގެ ހިދުމަތް ލިބޭ އުޖާލާ ޕޯޓަލް ވެސް އެ ބޭންކުން ވަނީ ތައާރަފްކޮށްފައެވެ.
ތިމާވެށި ހިމާޔަތްކުރުމަށް އެމްއައިބީން ކުރާ މަސައްކަތުގެ ތެރޭގައި ގޮނޑުދޮށް ސާފުކުރުމާއި، ވެލާ ކަނހަބާ މެދު އާންމުން ހޭލުންތެރި ކުރުވުމާއި ގަސް އިންދުން ފަދަ ހަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން އިޖްތިމާއީ ޒިންމާގެ ދަށުން ތައުލީމު ކުރިއެރުވުމާއި، ކެންސަރަށް މީހުން ހޭލުންތެރި ކުރުވުމަށް ކެންސާ ސޮސައިޓީއާއެކު މަސައްކަތްކުރުމާއި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދެއެވެ.
ރާއްޖޭގެ އެންމެ ހިއްސާދާރުން ގިނަ އެއް ކުންފުނީގެ ގޮތުގައި ފާހަގަކުރެވޭ އެމްއައިބީން ބުނީ އެ ބޭންކުގެ ކާމިޔާބީގެ އަސްލަކީ އެ ބޭންކުގެ ކަސްޓަމަރުން ކަމަށާއި، މި އެވޯޑު ހާއްސަ ކުރަނީ ވެސް އެ ބޭންކުގެ ކަސްޓަމަރުންނަށް ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ބޭންކު ވާނީ ދިވެހިން އިތުބާރު ކުރާ ބޭންކަކަށް ކަމަށް އެމްއައިބީން ވަނީ ޔަގީންކަން ދީފައެވެ.



