ރާއްޖޭގެ ބާ ކައުންސިލްއިން އިންތިޒާމް ކުރި މި އަހަރުގެ ބާ އިމްތިހާންގައި 136 ފަރާތަކުން ބައިވެރިވެއްޖެއެވެ.
މި އިމްތިހާނު ބޭއްވުނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގައެވެ.
2022 ވަނަ އަހަރު ތަޢާރަފްކުރެވުނު މި އިމްތިހާނުގައި މިހާތަނަށް ޖުމްލަ 641 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި އިމްތިހާނަކީ ގާނޫނީ ހިދުމަތް ދިނުމަށް ބޭނުންވާ އަސާސީ ގާނޫނީ އިލްމާއި ހުނަރު، އަލަށް ނުކުންނަ ވަކީލުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމަށް ބޭއްވޭ އިމްތިހާނެކެވެ.
މިއީ ގާނޫނީ ދާއިރާއާ ގުޅުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު ކަނޑައަޅާ އިމްތިހާނެވެ.
މި އަހަރުގެ އިމްތިހާނުގައި ހިމެނެނީ 6 މައިގަނޑު ދާއިރާއެކެވެ. އެއީ ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖަރ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯޓް ލޯ އަދި މޯލްޑިވިއަން ލީގަލް ސިސްޓަމްއެވެ.
މި ދާއިރާތަކުން އިނގިރޭސި އަދި ދިވެހި ބަހުން 120 ’މަލްޓިޕްލް-ޗޮއިސް‘ ސުވާލު ވަނީ ހިމަނާފައެވެ.
ބާ އިމްތިހާނުގެ ސިލަބަސް އެކުލަވާލަނީ ’ކޮމިޓީ އޮފް އެކްސްޕަރޓްސް‘ އިންނެވެ. މި ކޮމިޓީގައި ހިމެނެނީ ރާއްޖޭގެ ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ގާނޫނީ ވަކީލުންނާއި، ގާނޫނީ ތަޢުލީމު އުނގަންނައިދޭ މާހިރުންނާއި ފަނޑިޔާރުންނެވެ.
ބާ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، އިމްތިހާނަށް ކެންޑިޑޭޓުން ތައްޔާރުކުރުމަށްޓަކައި ރީޑިން ލިސްޓެއް ޝާއިޢުކޮށް، އޮރިއެންޓޭޝަން ސެޝަނެއް ބޭއްވުމުގެ އިތުރުން ސިލަބަހުގެ ދާއިރާތަކުން ލެކްޗަރުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ލެކްޗަރުތައް އަމާޒުކުރެވިފައިވަނީ އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ކުރެވުނު ދިރާސާއަކުން ފާހަގަކުރެވުނު ދާއިރާތަކަށެވެ.




