މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 1.7 މިލިއަނަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1,701,785 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,546,319 ޓޫރިސްޓުންނެވެ. އަދި މި މަހުގެ ފުރަތަމަ 11 ދުވަހުގެ ތެރޭގައި އެކަނި 65,296 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މިހާރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެ ގައުމުން މިހާތަނަށް 279,690 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެ ގައުމުން 208,329 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުން 149,424 ޓޫރިސްޓުންނާއި، ޖަރުމަނުވިލާތުން 120,922 ޓޫރިސްޓުންނާއި، އިޓަލީވިލާތުން 106,230 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާ ފަސް ގައުމެވެ.
މި އަހަރު ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.



