ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ދޫކުރާ ފްލެޓްތައް އެހެން ފަރާތްތަކަށް ބޮޑު އަގުގައި ކުއްޔަށް ނުދެވޭނެ ގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތްކުރާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ކަމާ ގުޅޭ އިދާރާތަކުގެ އެހީތެރިކަމާއެކު ފްލެޓްތައް ކުއްޔަށް ދޫކުރަނީ ކޮން ފަރާތްތަކަކުންތޯ ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
”ހިޔާ ފްލެޓުގައި ލޭބާ ކުއާޓާޒް ހަދާފައި ހުންނަ ކަމުގެ މައުލޫމާތު ލިބިފައިވޭ. މިއީ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ފަރާތްތަކަށް ދޫކުރި ތަންތަން. މިއީ 20،000 ރުފިޔާ، 25،000 ރުފިޔާއަށް ކުއްޔަށް ދީގެން އާމްދަނީ ހޯދަން ހުންނަ ތަންތަނެއް ނޫން،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މިއީ ސަރުކާރުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލައެކެވެ. އަދި މި ސަރުކާރުން މި މައްސަލަ ޤާނޫނުގެ ތެރެއިން ހައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލައިގައި ކުއްޔަށް ހިފާ ފަރާތްތަކުން މައުލޫމާތު ހިއްސާކުރަން ޖެހިލުންވުމާއި، އެތަންތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ކިބައިން މައުލޫމާތު ހޯދުމަކީ ފަސޭހަކަމަކަށް ނުވިޔަސް، މިއީ ކޮންމެހެން ހައްލުކުރަންޖެހޭ މައްސަލައެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު މިފަދައިން ވާހަކަފުޅު ދައްކަވާފައިވަނީ ވަރަށް ފަހުން ގެދޮރުވެރިޔާ ފްލެޓެއް 25،000 ރުފިޔާއަށް ކުއްޔަށް ދޭން ފޮޓޯއާއެކު އިއުލާނު ކޮށްފައިވާ މައްސަލައެއް އާންމުންގެ ސަމާލުކަމަށް އައިސްފައިވަނިކޮށެވެ.



