ރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިކޮށްދޭ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ.
މި ބިލަކީ ރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ޚިދުމަތް އެންމެންނަށް ވާސިލްވެވޭ، ރައްކާތެރި އަދި ފެންވަރު ރަނގަޅު ގޮތެއްގައި ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށް ހުށަހަޅާފައިވާ ބިލެކެވެ. ބިލުގައި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކުގެ އިތުރުން، ޚިދުމަތްދޭ އަދި ހޯދާ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ވަނީ ބަޔާންކޮށްފައެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހުއްދަ ދެވޭނީ ހަމައެކަނި ދިރިހުރި މީހެއްގެ ގުނަވަން ބަދަލުކުރުމަށެވެ. ގުނަވަން ހަދިޔާކުރެވޭނީ 18 އަހަރުން މަތީގެ، ބުއްދި ސަލާމަތުން ހުރި، އަމިއްލަ އިޚްތިޔާރުގައި އެކަމަށް ރުހޭ ދިވެހި ރައްޔިތުންނަށެވެ. ނަމަވެސް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ ފަރާތްތަކަށް ގުނަވަން ހަދިޔާ ނުކުރެވޭނެއެވެ.
ބިލު ޤާނޫނަކަށްވުމާއެކު 9 މެންބަރުންގެ ”ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލް“ އެއް އުފެއްދޭނެއެވެ. މި ކައުންސިލުން ޓްރާންސްޕްލާންޓް ޚިދުމަތް ދިނުމުގެ ހުއްދަ ދިނުމާއި، ބާޠިލުކުރުމާއި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެއެވެ. އަދި 5 މެންބަރުންގެ ”ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ“ އެއްވެސް އުފައްދައި، އެ ކޮމިޓީން ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހުއްދަ ދޫކުރާނެއެވެ.
ބިލުގައި މީހެއްގެ ނުރުހުމުގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމާއި، އެކަމުގައި އެހީތެރިވުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. މިފަދަ ކުށްތަކަށް ޖޫރިމަނާއާއި ޖަލު އަދަބު ކަނޑައެޅިފައިވާއިރު، ކުށްވެރިވާ ސިއްޙީ ޚިދުމަތްދޭ ތަންތަނަށްވެސް ޖޫރިމަނާގެ އަދަބު ކަނޑައެޅިފައިވެއެވެ.
އަދި ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ވިއްކުމާއި ގަތުމަކީވެސް ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.



