ށ. ކަނޑިތީމުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަނޑިތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
84.12 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީއެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި 76,705.85 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅާއި ނެރު ފުންކުރުމާއި، 212 މީޓަރުގެ އެއްގަމުތޮށި ލުމާއި، 150 މީޓަރުގެ ގްރޮއިން އަދި 544 މީޓަރުގެ ބޭރުތޮށި ލުން ހިމެނެއެވެ. މީގެ އިތުރުން 342 މީޓަރުގެ ރިވެޓްމެންޓް އަދި 1,332 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއެކު ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
380 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ، އާބާދީގައި 1,700 މީހުން ހިމެނޭ ކަނޑިތީމުގެ ރައްޔިތުންނަށް ގެނެސްދޭނެ ވަރަށް މުހިންމު ތަރައްޤީއެކެވެ.
މަސްވެރިކަމާއި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މި ރަށަކީ އަތޮޅުގެ އެހެން ރަށްރަށުން އެކި ބޭނުންތަކުގައި މީހުން ޒިޔާރަތްކުރާ ރަށެކެވެ.



