ބިދޭސީންގެ ޖޫރިމަނާ އާއި ފީތައް ފަހުން ދައްކަން އެއްބަސްވެއްޖެ ނަމަ ކުރިން ފީ ނުދައްކާ ހުރި ވޯކް ޕާމިޓުތައް ބާތިލް ކޮށްދޭން ހޯމް މިނިސްޓްރީން މިއަދު ނިންމައިފިއެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މި ބަދަލު ގެނައީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވޯކް ޕާމިޓްތަކާއި މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމުގައި ވަޒީފާދޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
މިނިސްޓްރީގެ ބުނެފައިވާ ގޮތުން، މިއަދުން ފެށިގެން ވޯކް ޕާމިޓްތަކާ ގުޅުން ހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާ ނުލައި، އެ ފީތައް ފަހުން ދައްކައި ހަލާސްކުރާނެ ކަމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމުން، ވޯކް ޕާމިޓްތައް ބާތިލު ކުރެވޭނެއެވެ. ނަމަވެސް، ބާތިލުކުރާ ވޯކް ޕާމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީޒް ކުރެވޭނީ، އެ ޕާމިޓަކާ ގުޅިގެން ދައްކަން ޖެހޭ ހުރިހާ ފީތަކާއި ޖޫރިމަނާތައް ފުރިހަމައަށް ދައްކައި ހަލާސްކުރުމުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ”ކުރަނގި“ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުން ދާއިރު، ހޯމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 27،773 ބިދޭސީއެއްގެ ބަޔޯމެޓްރިކްސްގެ މައުލޫމާތު އެ މިނިސްޓްރީ އަށް ދީފައި ނުވެއެވެ.
މިނިސްޓްރީން ބުނީ، އެކަށީގެންވާ ސަބަބެއް ނެތި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބަޔޯމެޓްރިކްސް ނުދޭ އެންމެން ޑީޕޯޓު ކުރާނެ“ ކަމަށެވެ.
އަދި އެ މީހުންނަށް ވަޒީފާ ދޭ ފަރާތްތައް ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން 50،000 ރުފިޔާއިން ޖޫރިމަނާކޮށް، އިމިގްރޭޝަން ގާނޫނުގެ ދަށުން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.



