އަންނަ އަހަރު ދައްކަންޖެހޭ ސުކޫކް ޕޭމަންޓް ނުދެއްކޭނެ ކަމުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ށ. ބިލެތްފަހީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ހަލާކުވެފައި އޮތް އިގްތިސާދު، މި ސަރުކާރުން ރަނގަޅު ކުރަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ދައްކަން ހުރި ބޭރުގެ ދަރަނިތަކާއި އެތެރޭގެ ދަރަނިތައްވެސް ދައްކަމުން އަންނަ ކަމަށާއި، ބައެއް ދަރަނިތައް އެކުވެރި ދައުލަތްތަކާ މަޝްވަރާކުރެވިގެން އެކިކަހަލަ ގޮތްގޮތަށް އެއަށް ލުއިތައް ގެންނަމުންދާ ކަމަށެވެ.
”މިއަންނަ އަހަރު ދައްކަން އޮތް ސުކޫކު ޕޭމަންޓު ދެއްކުމުގައިވެސް އަޅުގަނޑުމެން ބަރާބަރަށް ކުރަމުންދާ މަސައްކަތް، ޕްލޭންކޮށްގެން ކުރަމުންދާ މަސައްކަތް ފުރިހަމަ ކަމާއެކީ ކާމިޔާބުވަމުންދަނީ“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ކުރީގެ ސަރުކާރުން އެކިއެކި ކުންފުނިތަކަށް ދޭންޖެހޭ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ކުރިއަށް އޮތް ތިން ހަފްތާ ތެރޭގައި ދައްކާ ހަލާސްކުރެވޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.




