ޑެންގޫ ހުން ޖެހިގެން ފަރުވާދެމުން ދިޔަ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު މ. މުލީގައި ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ މ. މުލީ، އަތަމާގެ، އައިޝަތު އަންޖަލް މުމްތާޒުއެވެ.
އަންޖަލް ނިޔާވީ ޑެންގޫ ހުން ޖެހިގެން ހާލު ދެރަވުމާ ގުޅިގެން މުލީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ. އޭނާ ހުން އައިސްގެން އެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކަމަށް މައުލޫމާތު ލިބެއެވެ.
މިއީ މި މަހުގެ ތެރޭގައި ޑެންގޫ ބަލީގައި ރާއްޖެއިން ނިޔާވި ދެވަނަ މީހާއެވެ. މި މަހުގެ 13 ވަނަ ދުވަހު ށ. މިލަންދޫއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އަހްމަދު ނަބްހާން މުހައްމަދު ވެސް ވަނީ މި ބަލީގައި ނިޔާވެފައެވެ. ނަބްހާން ނިޔާވީ ރަށުން ފަރުވާ ދިނުމަށްފަހު ހާލު ސީރިއަސްވެގެން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގޫ ހުން ފެތުރޭ މިންވަރު އިތުރުވަމުންދާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ފާހަގަކޮށްފައެވެ. އެ އެޖެންސީން ބުނި ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް، ހާއްސަކޮށް ޑެންގޫ އާއި ޗިކަންގުންޔާ ފަދަ ބަލިތައް މި މަހުން ފެށިހެން ޖުލައި މަހުގެ ނިޔަލަށް އިތުރުވުމުގެ ފުރުސަތު ބޮޑެވެ.
ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ މާރިޗު މަހު އެކަނިވެސް 535 މީހަކަށް ޑެންގޫ ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު ބޮޑު އިތުރުވުމެއްކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
ޑެންގޫ ހުމުން ރައްކާތެރިވާން ކުރެވިދާނެ ކަންތައް
- ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ ބޭނުންކުރުން
- ފަތިސް ގަޑީގައި އަދި ހަވީރާއި އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
- ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެ އާއި މަގުމައްޗަށް އުކާނުލުން އަދި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރުން
ބަލި ޖެހިއްޖެ ނަމަ ގޭގައި ދެވޭނެ ފަރުވާ
- އަރާމުކުރުން
- ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން. ފައިދާ ހުރި ދިޔާތަކެތީގެ ތެރޭގައި ކުރުނބާ ފެން، ލޮނުޕެކެޓު، ސޫޕް ފަދަ ތަކެތި ހިމެނޭ
- ހުން މަޑުކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓްމޯލް ބޭނުންކުރެވިދާނެ. ތިން ދުވަހަށް ވެސް އިތުރަށް ހުން އަންނަ ނަމަ ނުވަތަ ދިޔާތަކެތި ބޭނުން ނުކުރެވޭނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން



