ހައުސިން މިނިސްޓްރީއަށް ޚާއްސަ އިމާރާތެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ އެ މިނިސްޓްރީއަށް ޚާއްސަ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެކަމަށް ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ އިމާރާތް އެޅުމަށްޓަކައި 30000 އަކަފޫޓުގެ ބިމެއް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާދެއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓްރީގައި 600 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، ޕަބްލިކް ވޯކްސްގެ މަސައްކަތްތައްވެސް އެ މިނިސްޓްރީއާ ހަވާލުވެފައި އޮތުމުން ހެޑްކުއާޓަރެއް ތަރައްޤީކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓްރު ވިދާޅުވިއެވެ.
2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ މިނިސްޓްރީގެ ހިންގުން ވަގުތީގޮތުން ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފައެވެ. އެ ހާދިސާގައި ދައުލަތުގެ ތިން މިނިސްޓްރީއެއްގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، މާލެ ސިޓީ ކައުންސިލްގެ ބަޔަކަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.
”ދިމާވެފައި އޮތް ދައްޗަކީ ސަރުކާރުގެ އިދާރާތައް ހިންގާނެ ތަނެއް ނެތުން. މާލޭގައި އިތުރު އޮފީސް އިމާރާތެއް އެޅުމަށް މަސައްކަތްވެސް ދަނީ ކުރަމުން. ބިއްލޫރި ޖެހިގެ މަރާމާތުކޮށްގެންވެސް ތަނެއް ހޯދޭތޯ ދަނީ ބަލަމުން،“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅުމާލޭގައި 14 ފަންގިފިލާގެ އޮފީސް އިމާރާތެއް އެޅުމާއި ދަރުބާރުގެ އަލުން ތަރައްޤީކުރުމުގެ ޕްލޭންތަކެއް އޮތްކަންވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކުރިން ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގި ހުރަވީ ބިލްޑިންގާއި ޣާޒީ ބިލްޑިންގ ބާވެގެން ތަޅާލުމާ ގުޅިގެން، ގިނަ އޮފީސްތަކެއް މިހާރު ހިންގަނީ ބޮޑު ކުލި ދައްކައިގެން އަމިއްލަ ތަންތަނުގައެވެ. މި ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ހުޅުމާލޭގައި ތަރައްޤީކުރި އައު އިމާރާތެއްގައި މިހާރުވެސް އަންނަނީ ތިން މިނިސްޓްރީއެއް ހިންގަމުންނެވެ.



