ށ. މިލަންދޫ އެއާޕޯޓާއި ބަނދަރު ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، މިހާތަނަށް 11 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި، މިހާތަނަށް ނިމިފައިވަނީ ބިން ހިއްކުމުގެ މަޝްރޫޢުގެ ގާތްގަނޑަކަށް 42 އިންސައްތަ މަސައްކަތެވެ.
މި މަސައްކަތް ކުރިއަށްދަނީ އެއްފަހަރާ 35,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ހުރި ”ކުއީން އޮފް ދަ ނެދަލެންޑްސް“ ޑްރެޖަރު ބޭނުން ކޮށްގެންނެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 25 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މިލަންދޫގައި އެއާޕޯޓެއް ތަރައްޤީ ކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ރައީސް ވިދާޅުވެފައިވަނީ މި ދައުރުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިންމަވައިދެއްވާނެ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި މިލަންދޫގެ ތަރައްޤީގެ މި މަޝްރޫޢުތައް އެއްކޮށް ނިންމާލުމެވެ.
އެމްއޭސީއެލްއާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ސަރުކާރުން ކަނޑައަޅާފައިވަނީ ޢަމަލީ މަސައްކަތް ފަށާ ދުވަހުން ފެށިގެން 8 މަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް ނިންމުމަށެވެ. މި މަޝްރޫޢު ފަރުމާކޮށްފައިވަނީ ރަށުގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުންކުރެވޭނެ ގޮތަށް ބަލައިގެންނެވެ.

އެއާޕޯޓު އެޅުމަށްޓަކައި ރަށުގައި މިހާރު ބޭނުންކުރާ ބަނދަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހޭތީ، އެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ. ސަރުކާރުން ވިދާޅުވީ އެއާޕޯޓު މަޝްރޫޢު ނިމޭއިރު، ރަށުގެ އެހެން ސަރަޙައްދަކުން ބަނދަރަށް ބޭނުންވާ ޖާގަ ހަމަޖެހި، ޒަމާނީ ބަނދަރެއްވެސް ޤާއިމުކުރެވޭނެ ކަމަށެވެ.
2,700 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް މިލަންދޫގައި އެއާޕޯޓެއް ތަރައްޤީ ކުރެވުމަކީ އެ ސަރަޙައްދުގެ ދަތުރުފަތުރަށާއި އިޤްތިޞާދަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.



