މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ރޭ ދެވުނު ހަމަލާއާ ސަރުކާރާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން މޭޔަރު އާޒިމަށް ހަމަލާދީފައިވާއިރު، އާޒިމް ވަނީ އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އާޒިމަށް ހަމަލާދޭން މަސައްކަތްކުރުން އެންމެ ހަރުކަށި އިބާރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވާ ކަމަށެވެ. މާލޭގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެއްވެސް ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް ހަމަލާދީ ހުރަސްއެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އަރުވާފައެވެ.
މި ހާދިސާއާ ގުޅިގެން ތަރުޖަމާނު މުންދު ވިދާޅުވީ، މިއީ ސަރުކާރުން ކުރި ކަމެއް ކަމަށް އާޒިމް ވިދާޅުވުމަކީ ހައިރާންވާ ކަމެއް ކަމަށާއި އެއީ ކޮން ހެއްކަކަށް ބިނާކޮށް ވިދާޅުވި ވާހަކައެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
”މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން، ސަރުކާރުގެ ފަރާތުން މިފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެންމެހައި ފަރާތްތަކަށް އަރުވަން،“ މުންދު ވިދާޅުވިއެވެ.
މޭޔަރުގެ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށްވެސް މުންދު ސިފަކުރެއްވިއެވެ. މީގެ އިތުރުން، މި ހާދިސާ ހިނގި ފަހުން އެއްވެސް ރަސްމީ ފަރާތަކުން ނުވަތަ އެމްޑީޕީގެ ފަރާތުންވެސް މިކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާތީ މުންދު ވަނީ ހިތާމަފާޅުކުރައްވާފައެވެ.
މުޖުތަމައުގެ ސަލާމަތް ކަށަވަރުކުރުމުގެ ޒިންމާ އޮތް މުއައްސަސާއަށް މިފަދަ ކަންކަން ރިޕޯޓު ނުކުރުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހެއް ކަމަށް މުންދު ވިދާޅުވިއެވެ. ނަމަވެސް، މީސްމީޑިއާއިން ވީޑިއޯ ފެނުމާއެކު ފުލުހުން އަމިއްލަ އިސްނެންގެވުމުގެ މަތިން މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަން މުންދު ފާހަގަކުރެއްވިއެވެ.
މާލޭގެ މޭޔަރަކީ އެދިވަޑައިގެންފިނަމަ ދައުލަތުގެ ފަރާތުން ސެކިއުރިޓީ ލިބޭނެ ބޭފުޅެއްކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ތްރެޓް އެސެސްމަންޓް ފުލުހުން އަބަދުވެސް ހައްދަވާ ކަމަށެވެ.
އަދި އެފަދަ އެސެސްމަންޓަކުން ނުރައްކަލެއް އޮތްކަން ފާހަގަވެއްޖެނަމަ، ފުލުހުން އިސްވެ ސެކިއުރިޓީގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.



