ހުޅުމާލެ ފޭސް 2 އިން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުރިހާ ސަރަޙައްދުތަކަށް މިހާރު ކަރަންޓުގެ ޚިދުމަތް އަލުން ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި ކަރަންޓު ކެނޑުނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ހުޅުމާލެ ފޭސް 2 ގެ ގިނަ އަދަދެއްގެ ޓަވަރުތަކަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނެވެ.
ޚިދުމަތް މެދުކެނޑިފައިވާ ސަރަޙައްދުތަކަކީ:
- ހިޔާ ޓަވަރު 5، 6، އަދި 7
- ވިނަރެސްގެ 10 ޓަވަރު
- އަމާން ދޯދި 12، 13، 14، 15، އަދި 16
- އަމާން އުދަރެސް 5 އަދި 6
- އެމްޕީއެލް ޓަވަރުތައް
ސްޓެލްކޯއިން ބުނީ، ކޭބަލަށް ލިބުނު ގެއްލުންތައް މަރާމާތުކޮށް، ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދުތަކަށް މިހާރު ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވީ މަގު ކޮންނަނިކޮށް ދިމާވި މައްސަލައަކުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ހުޅުމާލެ ފޭސް 2 ގެ ކަރަންޓުގެ ވިއުގައާ ގުޅޭގޮތުން ސްޓެލްކޯއިން ބުނީ، އެ ވިއުގައަކީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަޅާފައިވާ ވިއުގައެއް ކަމަށެވެ. ސްޓެލްކޯގެ އިންޖީނުގެ މެދުވެރިކޮށް ފޭސް 2 އަށް ކަރަންޓު ދިން ނަމަވެސް، އެ ވިއުގަ ބަލަހައްޓަނީ ސްޓެލްކޯއިން ނޫން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެހެންނަމަވެސް، ވިއުގަ ބެލެހެއްޓުމާއި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.




