މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަމަލާތަކާ ގުޅިގެން ބަންދުކޮށްފައި އޮތް، އީރާނުގެ ވެރިރަށް ތެހްރާނުގެ ވައިގެ މައި ބަނދަރު ދެ މަސް ދުވަހަށްފަހު މިއަދު އާންމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ.
ތެހެރާނުގެ އިމާމް ޚުމޭނީ އިންޓަރނޭޝަނަލް އެއާޕޯޓު އަލުން ހުޅުވާލުމާއެކު، އޮމާނު، ތުރުކީވިލާތް އަދި ސަޢުދީ އަރަބިއްޔާއަށް މިއަދު ވަނީ ފްލައިޓުތައް ދަތުރުކުރަން ފަށާފައެވެ.
މީގެ އިތުރުން އީރާނުގެ ޤައުމީ އެއާލައިން، އީރާން އެއަރ އިން ވެސް ވަނީ 56 ދުވަހުގެ މެދުކެނޑުމަކަށްފަހު ތެހްރާނުން މަޝްހަދުއަށް ކުރާ ޑޮމެސްޓިކް ދަތުރުތައް އަލުން ފަށާފައެވެ.
އީރާނުގެ އެއާޕޯޓްސް ކުންފުނީގެ ވެރިޔާ މުޙައްމަދު އަމީރާނީ ވިދާޅުވީ، މިވަގުތު އިސްކަމެއް ދީފައިވަނީ އީރާނުގެ އިރުމަތީގެ ސަރަޙައްދުތަކުން ވައިގެ ދަތުރުފަތުރު އިތުރުކުރުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަޙައްދުގައި ހުރި ޑޮމެސްޓިކް ވައިގެ ބަނދަރުތަކަށް ފްލައިޓުތައް އިތުރުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށްވެސް މުހައްމަފު ހާމަކުރެއްވިއެވެ.
މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އީރާނުން ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވުމާ ގުޅިގެން، ގަލްފުގެ ގިނަ ޤައުމުތަކުން ވެސް ވަނީ ވައިގެ ސަރަޙައްދު ބަންދުކޮށްފައި އޮތް އޮތުމަށް ލުއިތަކެއް ދީފައެވެ. ނަމަވެސް، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ 20 އިންސައްތަ ދައުރުވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުން ބައިނަލްއަޤުވާމީ އެއާލައިންތަކަށް ވަނީ ތެލުގެ ތާށިކަމާ ކުރިމަތިލާން ޖެހިފައެވެ.
ބައިނަލްއަޤުވާމީ ހަކަތައާބެހޭ އިދާރާ (އައިއީއޭ) އިން ވަނީ ކުރިއަށް އޮތް ހަ ހަފްތާގެ ތެރޭގައި ވިލާތުގެ ގިނަ ޤައުމުތަކުން މަތިންދާބޯޓުތަކަށް އަޅާ ތެޔޮ އެކީގައި ހުސްވާނެކަމުގެ އިންޒާރު ދީފައެވެ. މަތިންދާބޯޓުތަކަށް އަޅާ ތެލުގެ ސަޕްލައި އިތުރުކުރެވޭނެ ގޮތެއް ނުހޯދޭނަމަ، ގިނަ ފްލައިޓުތައް ކެންސަލް ކުރަންޖެހިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް އެއާލައިންތަކުން ދަނީ ބުނަމުންނެވެ.



