ހުޅުމާލޭގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް ބަންދުކޮށްފައިވާ ސަރަހައްދުތަކަށް އާންމުން ނުވަނުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ.
އެ ކޯޕަރޭޝަނުން މިކަމަށް އެދިފައިވަނީ މަގުތައް މަރާމާތުކުރުމުގެ މަޝްރޫއު ކުރިއަށްދާ ވަގުތުތަކުގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.
މިކަމާ ގުޅިގެން އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އަދި މި މަސައްކަތް ރޭވިފައިވަނީ ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަމަށް ވީހާވެސް ބުރޫނާރާނެ ގޮތަކަށް ބަލައިގެން ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެޗްޑީސީން އިތުރަށް ބުނީ، މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އާންމުންގެ ސަލާމަތަށްޓަކައި އަދި މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށްޓަކައި ބައެއް މަގުތައް ވަގުތީ ގޮތުން ބަންދުކުރެވޭނެ ކަމަށެވެ. އެހެންކަމުން، މަސައްކަތް ކުރުމަށް ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ނުވަނުމަށާއި، އެ ސަރަހައްދުތަކުގައި ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާ އެއްގޮތަށް އަމަލުކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
މި މަޝްރޫއަކީ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މަޝްރޫއާ ގުޅިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެޗްޑީސީން ވަނީ މާފަށް އެދިފައެވެ.
ހަލާކުވެފައިވާ މަގުތައް މަރާމާތު ކުރުމުގެ އިތުރުން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ފްލެޓް ހުންނަ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތްވެސް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.
އެ ކޯޕަރޭޝަނުން ބުނިގޮތުގައި އެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ.




