ރ. އިންނަމާދޫގައި ބަންނަމުންދިޔަ ސަފާރީއަކަށް ޑެގެއް އަރުވަން އުޅުމުގެ ތެރޭގައި އެ ޑެގު ވެއްޓި ހަ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ ސަފާރީ ބަނުމުގެ މަސައްކަތަށް މަޝްހޫރު އެ ރަށުގެ ބޯޓުޔާޑެއްގައެވެ.
މަޢުލޫމާތު ލިބޭގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ބަންނަމުންދިޔަ ސަފާރީ ބޯޓަކަށް ޑެގް އަރުވަން އުޅުމުގެ ތެރޭގައި އެ ޑެގު ކަހާލައިގެން ވެއްޓުމުގެ ސަބަބުންނެވެ. މި ހާދިސާގައި އަނިޔާވި ހަ މީހުންގެ ތެރޭގައި ހިމެނެނީ ފަސް ބިދޭސީންނާއި ދިވެއްސެކެވެ.
މި ހާދިސާގައި އަނިޔާވި އެންމެންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ބައެއް މީހުންގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ބިނދި ބޮޑެތި ޒަޚަމްތަކެއް ވަނީ ލިބިފައެވެ. މީގެ ތެރެއިން އެކެއްގެ މޭކަށިގަނޑު ބިނދި، އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަނިޔާވި ހަ މީހުންނަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ ރ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.



