ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ގުޅުވައިގެން ހަޤީޤަތާ ޚިލާފު ވާހަކަ ފެތުރި ފަރާތްތަކާ ދެކޮޅަށް ދަޢުވާ ކުރައްވާނެ ކަމަށް އެމަނިކުފާނު މިއަދު އިޢުލާނު ކުރައްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގެ އޮންލައިން ނޫހަކުން އެމަނިކުފާނާ ގުޅުވައިގެން ނެރުނު ވީޑިއޯ ޑޮކިއުމަންޓްރީއަކާ ގުޅޭގޮތުން އެ ޑޮކިއުމެންޓްރީ އުފެއްދި ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ އެ ނޫހުން ނެރުނު ޑޮކިއުމަންޓްރީގައި އެމަނިކުފާނަށް ތުހުމަތުކޮށްފައިވާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ހަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރި ހުރިހާ ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
”ކަނޑައެޅިގެން ދޮގު ވާހަކައެއް ތިއީ. އަދަދު ނޫހުން ތިވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. އެނގިވަޑައިގަންނަވާނެ ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭގޮތަށް ތިބޭފުޅުން ވީޑިއޯއެއް ހެއްދެވި ހެއްދެވުމަށް ތި އިޢުތިރާފުވެވަޑައިގެންނެވީ. މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދަޢުވާކުރަން އަޅުގަނޑު އެދެން ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން،“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މީގެ ކުރިން ވެސް ހަމަ އެ ނޫހުން އެމަނިކުފާނާ ގުޅުވައިގެން ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ފަތުރާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިފަހަރުގެ އަމަލުގެ ސަބަބުން އެމަނިކުފާނު ހައިރާންވެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.



