މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް އާސަންދަ މެދުވެރިކޮށް 10،954 މީހުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް މި އަހަރުން ފެށިގެން އާސަންދަ މެދުވެރިކޮށް ހިލޭ ބޭސްފަރުވާ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާއިރު، ވޭތުވެދިޔަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހާ ހަމައަށް އާސަންދައިގެ ދަށުން ނަފްސާނީ އެހީ ހޯދި މީހުންގެ ތެރެއިން 8،125 މީހުންނަކީ މާލެ ސަރަހައްދުން ފަރުވާ ހޯދި މީހުން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
”1 ޖެނުއަރީ އިން އޭޕްރީލް 23 އާއި ހަމައަށް 10،954 މީހުންނަށް މެންޓަލް ހެލްތް ދާއިރާއިން ސައިކެޓްރިސްޓް ކޮންސަލްޓޭޝަން އަދި ސައިކޮލޮޖިކަލް ތެރަޕީ ކަވަރޭޖް ދެވިފައި އެބަވޭ. އޭގެ އިތުރުން ވެސް އަތޮޅު ތެރޭގައި ވެސް މިކަމާއި ގުޅޭ ހިދުމަތް ދެވިފައިވޭ. ”ރައީސް ވިދާޅުވިއެވެ.
ނަފްސާނީ ހުރިހާ ފަރުވާއަކަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް ތައާރަފު ކުރައްވާނެކަމަށް ރައީސް ކުރިން އިއުލާނު ކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ނަފްސާނީ ކަންކަމަށް ފަރުވާ ހޯދުން ގިނަވެފައިވާއިރު ދިމާވާ އެންމެ ބޮޑު ދައްޗަކީ ނިޒާމުގެ ހަރަދުބޮޑުވުމާއި އާސަންދައިގެ ހިދުމަތް ނުލިބުމެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ނަފުސާނީ ބަލިތަކަށް ފަރުވާ ކުރުމަށް ހިނގާ ހުރިހާ ހަރަދެއް އާސަންދައިން ލިބޭ ގޮތަށް މިދިޔަ ޑިސެމްބަރު 31 އިން ފެށިގެން ވަނީ ހަމަޖައްސައިފަ އެވެ. އާސަންދަ މެދުވެރިކޮށް އައިޖީއެމްއެޗްގެ އިތުރުން ހަތް ކްލިނިކަކުން މިހާރު މި ހިދުމަތް ލިބެމުންދެ އެވެ.
މި ހިދުމަތް ލިބޭ ތަންތަނުގެ ތެރޭގައި އީވް ކްލިނިކް، ވީ-ކެއަރ ކައުންސިލިންގ އެންޑް ސައިކޯތެރަޕީ ސެންޓަރ، މެޑްނޯވާ މެޑިކަލް ސެންޓަރ، އެލީޓް މެޑިކަލް ސެންޓަރ، ސެނަހިޔާ، ކުލުނު މެޑިކަލް ކްލިނިކް، އަދި ސައިމާ ކެއަރ ހިމެނެއެވެ.




