ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ”އަދަދު“ ނޫހުން އާންމުކުރި ”އައިޝާ“ ޑޮކިއުމެންޓްރީގެ މައްސަލައިގައި، ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެ ބަލައި ފާސްކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި ފުލުހުން ”އަދަދު“ ނޫހުގެ އޮފީހަށް ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ”އަދަދު“ ނޫހުގެ ނޫސްވެރިއަކު ވަނީ ”އައިޝާ“ގެ ނަމުގައި ނެރެފައިވާ އެ ޑޮކިއުމެންޓްރީގައި ކާކުކަން ނޭނގޭ ގޮތަށް ވާހަކަ ދެއްކި މީހާ ކުރި ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
ރައީސް ވިދާޅުވީ، އެ ސުވާލާ ގުޅުވައިގެން ”އަދަދު“ ނޫހުން ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭ ގޮތަށް ވީޑިއޯ ހެދި ކަމަށް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި މިފަދަ ދޮގު ވާހަކަތައް ފެތުރި ހުރިހާ ފަރާތްތަކަކާ މެދު ގާނޫނީ ފިޔަވަޅު އަޅައި، ދައުވާ ކުރުމަށް ކަމާބެހޭ ފަރާތްތަކުގައި އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
”ކަނޑައެޅިގެން ދޮގު ވާހަކައެއް. ދެން އަދަދު ނޫހުން ތި ދެންނެވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. އެހެންވީމަ ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭ ގޮތަށް ތިބޭފުޅުން ވީޑިއޯ ހެއްދެވި ހެއްދެވުމަށް ތި އިއުތިރާފުވެވަޑައިގެންނެވީ. މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާއި ދެކޮޅަށް އަޅުގަނޑު ދައުވާ ކުރަން އެދެން ކަމާއި ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން،“ރައީސް ވިދާޅުވިއެވެ.
މި ޑޮކިއުމެންޓްރީގެ މައްސަލަ މީޑިއާ ކައުންސިލުން ވެސް ބަލަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.




