އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ގ. އީރީ، އަބްދުﷲ މުއާޒް އެވެ.
އޭނާ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓު އަމުރުގައިވާ ގޮތުން، މުއާޒް ހައްޔަރުކުރީ މީހެއްގެ ގައިގައި ޖެހުމުގެ ތުހުމަތުގައެވެ.
ފުލުހުން ކޯޓަށް ހުށަހެޅި މައުލޫމާތުގައި ބުނެފައިވަނީ، އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މޭޔަރުގެ ގައިގައި އަތްލައި މާރާމާރީ ހިންގަން މުއާޒް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޯޓުގައި އޭނާ ބުނީ މޭޔަރު ކައިރިއަށް ދިޔައީ ވާހަކަ ދެއްކުމަށް ކަމަށާއި، އޭނާއާ މެދު މާރާމާރީ ހިންގީ މުޒާހަރާގެ ބައިވެރިން ކަމަށެވެ.
މުއާޒަކީ މީގެ ކުރިންވެސް ހައްޔަރާއި ބަންދުގެ ރެކޯޑް އޮތް މީހެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 24 ވަނަ ދުވަހު ގަލޮޅު ސަހަރާ ކައިރީގައި އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިންނެވެ. ބައެއް މީޑިއާތަކުން ލައިވްކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، މުޒާހަރާ ލީޑް ކުރައްވަން ހުންނެވި އާޒިމްގެ ކުރިމައްޗަށް އަރައި، މުއާޒް ވަނީ އޭނާގެ މޭގައި ޖަހައި ކޮއްޕާލާފައެވެ. މިއާއެކު މުޒާހަރާގެ ބައިވެރިން އެ ޒުވާނާއަށް ހަމަލާދީފައިވާއިރު، މަސްލަހަތު ކޮންޓްރޯލް ކުރީ ފުލުހުން އެ ސަރަހައްދަށް ގޮސްގެންނެވެ.
މޭޔަރު އާދަމް އާޒިމަށް ހަމަލާދިން މައްސަލަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ކުށްވެރިކުރައްވާފައެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޭޔަރަށް ހަމަލާދޭން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯ ރައީސަށް ފެންނަވާފައިވާ ކަމަށާއި، އެ އަމަލު އެންމެ ހަރުކަށި އިބާރާތުން އެމަނިކުފާނު ކުށްވެރިކުރައްވާ ކަމަށެވެ.




