ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމަށް 2026 ވަނަ އަހަރުގެ ”ޑިޕްލޮމެޓް އޮފް ދަ އިޔަރ“ އެވޯޑު ލިބިވަޑައިގެންފިއެވެ.
މި އެވޯޑަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ޑިޕްލޮމެޓް މެގަޒިންގެ ފަރާތުން ކޮންމެ އަހަރަކުވެސް ދެމުންދާ ޝަރަފުވެރި އެވޯޑެކެވެ.
އިރުތިޝާމް އާދަމަށް ލިބިވަޑައިގެންފައިވަނީ ”ޑިޕްލޮމެޓިކް އޮފް ދަ އިޔަރ ފޯރ އޭޝިއާ އެންޑް އޯޝެނިއާ“ އެވޯޑެވެ. ޑިޕްލޮމެޓިކް މެގަޒިންއިން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، އެކަމަނާއަށް މި އެވޯޑު އަރުވަން ނިންމީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ގޮތުގައި ހުންނަވައިގެން ކުރެއްވި މުހިއްމު މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
އިރުތިޝާމް އާދަމް އިނގިރޭސިވިލާތުގެ ސަފީރުކަމުގެ މަޤާމަށް އައްޔަންކުރެއްވީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ މަޤާމުގައި ހުންނަވައިގެން އެކަމަނާ ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ވަކިން ހާއްސަކޮށް ވިޔަފާރިއާއި، ފަތުރުވެރިކަމާއި، މޫސުމީ ބަދަލުތަކުގެ އިތުރުން ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ހޯދުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.
ސަފީރުކަމުގެ މަޤާމުގައި ހުންނެވުމަށްފަހު، މި މަހުގެ 14 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކެބިނެޓަށް ބަދަލު ގެންނަވައި، އިރުތިޝާމް އާދަމް ރާއްޖޭގެ ފޮރިން މިނިސްޓަރު މަޤާމަށް އައްޔަންކުރައްވާފައެވެ.




