މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ސޮނެވާ ނަމޫނާ އަދި ރ. ފައިނު ކައުންސިލް ގުޅިގެން އެރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢެއް ހިންގުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢަކީ އެމްއައިބީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ތިމާވެށި ރައްކާތެރިކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
މި އެއްބަސްވުމުގެ ދަށުން ފައިނުގައި ކުނި މެނޭޖްކުރާ ގޮތްތައް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އެގޮތުން ހަތް ދުވަހުގެ ވޭސްޓް އޮޑިޓެއް ހިންގައި، ކުނި މެނޭޖްކުރާނެ ނިޒާމެއް ފަރުމާކުރުމަށް ބޭނުންވާ ބޭސްލައިން ކަނޑައެޅިގެންދާނެއެވެ. މީގެ އިތުރުން ކުނި މެނޭޖްކުރުމަށް ބޭނުންވާ މެޝިނަރީތައް އިންސްޓޯލްކޮށް، އެ ތަކެތި ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމާފައެވެ.
ރަށުގެ ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން، ކުނިން ގަސްކާނާ އުފައްދާނެ ގޮތުގެ މައްޗަށް ބިނާކޮށް ”ޒީރޯ ވޭސްޓް” ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ”އެންމެނަށް އެނގޭ ބޮޑު ސިއްރު” ގެ ނަމުގައި މައްސަރު ކަންތައްތަކާއި ދަރިމައިވުމުގެ ސިއްހަތާ ގުޅޭ ހޭލުންތެރިކުރުވުމުގެ ސެޝަންތައް ވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ.
އެމްއައިބީން ބުނި ގޮތުގައި 2025 ވަނަ އަހަރުން ފެށިގެން އެ ބޭންކުން އަންނަނީ ސޮނެވާ ނަމޫނާއާއެކު ތިމާވެށީގެ އެކި މަޝްރޫޢުތަކުގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. މި ޕާޓްނަރޝިޕްގެ ދަށުން މީގެ ކުރިން ބ. ގޮއިދޫގައި ވެސް ވަނީ ތިމާވެށީގެ މިފަދަ މަޝްރޫޢެއް ކާމިޔާބުކަމާއެކު ހިންގާފައެވެ.
މި މަޝްރޫޢަކީ މުޖުތަމަޢުތައް ބާރުވެރިކޮށް، ދެމެހެއްޓެނިވި ތިމާވެށީގެ ތަރައްޤީއަށް އެހީތެރިވެދިނުމަށް އެމްއައިބީން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.



