މައުލޫމާތު ފެތުރުމުގައި ނޫސްވެރިން މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށާއި، ނޫސްވެރިކަމުގެ އަސާސީ އުސޫލުތައް ހިފެހެއްޓުމުގައި ސާބިތުވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.
ނައިބު ރައީސް، މިކަމަށް ގޮވާލެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނައިބު ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، އަޚުލާޤީ މިންގަނޑުތަކަށް ފެތޭ ނޫސްވެރިކަމެއްގެ ތެރެއިން މައުލޫމާތުގެ ފެންވަރާއި ސައްހަކަން ކަށަވަރުކުރަންޖެހޭނެ ކަމަށެވެ. އަދި ޒިންމާދާރުކުރުވުމާއި، ދެފުށް ފެންނަ ސިޔާސަތުތައް ކުރިއެރުވުމުގެ އިތުރުން ޑިމޮކްރަސީގެ އުސޫލުތައް ނެގެހެއްޓުމަކީ ނޫސްވެރިންގެ މަސްއޫލިއްޔަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑުތަކަށް އިހުމާލުވުމަކީ އޭގެ ސަބަބުން ނުބައި މައުލޫމާތު ފެތުރި، މުޖުތަމައުއަށް ލިބޭ ގެއްލުންތައް އިތުރުވެގެންދާނެ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން، ސައްހަ މައުލޫމާތު ހޯދުމަށް ނޫސްވެރިންނަށް ބަރޯސާވާ އާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް މިގޮތަށް ގޮވާލައްވާފައިވަނީ ’އަދަދު‘ ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓްރީއެއްގެ މައްސަލަ ފުލުހުން ތަހުޤީޤްކުރަން ފަށާފައިވަނިކޮށެވެ. އެ މައްސަލައިގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ’އަދަދު‘ ނޫސް އޮފީހަށް ވަދެ، ތަހުގީގަށް ބޭނުންވާ ބައެއް އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައެވެ. އޭގެއިތުރުން އެ ނޫހުގެ ނޫސްވެރިން ހިމެނޭހެން ބައެއް މީހުންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ.
މި ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ޑޮކިއުމަންޓްރީގައި ހުރި ތުހުމަތުތައް ދޮގުކުރައްވައި، އަބުރު ކަތިލުމުގެ މަގްސަދުގައި ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެދިވަޑައިގެންފައެވެ.



