ސިޔާސީ ޕާޓީތަކުން މިދުވަސްވަރު ކުރިއަށް ގެންދާ ހަރަކާތްތައް ހިންގުމުގައި، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ރަސްމީކޮށް އަންގައިފިއެވެ.
މި ދެ ޕާޓީއަށް މިކަން އަންގާފައިވަނީ ކޮމިޝަނުން ފޮނުވި ވަކި ސިޓީތަކެއް މެދުވެރިކޮށެވެ.
އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި، އެމްޑީޕީ އާއި ޕީއެންއެފް އިން މާލޭގައި ސިލްސިލާކޮށް ބާއްވަމުންދާ ސިޔާސީ ހަރަކާތްތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަދައްކަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް، ހަމަނުޖެހުމަށް ހިތްވަރު ލިބޭ ފަދަ އަމަލުތައް އެ ހަރަކާތްތަކުގެ ތެރެއިން ހިންގަމުންދާ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.
މިއަދު ފޮނުވި މި ސިޓީގައި ކޮމިޝަނުން ބަޔާންކޮށްފައިވަނީ، ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކަކީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ބާއްވާ ހަރަކާތްތަކަކަށް ވާންޖެހޭނެ ކަމަށެވެ. އެހެންކަމުން، މިދުވަސްވަރު ބާއްވާ އެއްވުންތަކުގައި ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން، ސިޔާސީ ޕާޓީތަކުގެ ސުލޫކީ މިންގަނޑާ ހިލާފަށް، އެހެން ޕާޓީތަކުގެ ވެރިންނާއި މެންބަރުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމަށްވެސް ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މުޖުތަމައުގައި ރުޅިވެރިކަން އުފެދޭ ފަދަ ހަގީގަތާ ހިލާފު ވާހަކަތައް ނުދެއްކުމަށާއި، ގާނޫނުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި އެއްވުންތައް ނުބޭއްވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ސިޓީ ނިންމާލަމުން ބުނެފައިވަނީ، ގާނޫނީ ހުދޫދުގެ ތެރެއިން ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ހަރަކާތްތަކަށް އެ ކޮމިޝަނުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.




